ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހުޅުމާލޭގައި އަސްކަރީ ހިނގާލުން މިއަދު ބާއްވައިފިއެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުލައި 26 ވަނަ ދުވަހު ރޭ ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ މައިދާނީ ކުޅިވަރުތަކާ އެކު އެމްއެންޑީއެފުން ވަނީ އަސްކަރީ ހިނގާލުން މާލޭގައި ބާއްވާފައެވެ.
އަދި މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ސިފައިންގެ އަސްކަރީ ހިނގާލުމުގައި މިލިޓަރީ ބޭންޑާ އެކު، ހަ ގެމައެއް ހިމެނިފައިވެއެވެ. މި އަސްކަރީ ހިނގާލުމުގައި ކޮމާންޑަރަކަށް ހުންނެވީ ކާނަލް މުޙައްމަދު ނާޡިމެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އަސްކަރީ ހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު 16:30 ގައި ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ލަޝްކަރު ހުއްޓުނު އިރު، އޭގެތެރޭގައި ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން) އަދި ސިފްކޯ ފުލެޓް ކުރިމަތި (ހައިވަކަރުމަގު – ކުދިމާހިނގުން ޖަންކްޝަން) ކައިރިއަށް ލަޝްކަރު ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅެފައިވެއެވެ. މި ހިނގާލުން ނިންމާލީ ކަލާސީނުކޮށްޓަށެވެ.
މި ހިނގާލުންތައް ކުރިއަށްދިޔަ އިރު، ގިނަ އަދަދެއްގެ އާންމުން ނިކުމެ، އަސްކަރީ ހިނގާލުން ބަލާލާފައިވެއެވެ.



