ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުމާއި ޕެރޭޑާ ގުޅިގެން، ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 29 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެންނެވެ. މި ބަދަލުތައް ގެންނާނީ ޕެރޭޑް ކުރިއަށްދާ ރޫޓު ހިމެނޭ ސަރަހައްދުތަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން، އެ ވަގުތުތަކުގައި މަގު ބޭނުންކުރައްވާ ފަރާތްތަކުން ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދެއްވުމަށާއި، އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި އަސްކަރީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 16:30 ގައެވެ. މި ހިނގާލުމުގައި އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެއެވެ. މީގެ އިތުރުން، އެމްއެންޑީއެފްގެ އެކި ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައްވެސް މި ހިނގާލުމުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ. މި ހިނގާލުމުގެ ތެރެއިން ދެ ސަރަހައްދެއްގައި މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ. އެއީ:
- ސެންޓްރަލް ޕާކް ސަރަހައްދު (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)
- ސިފްކޯ ފުލެޓް ކުރިމަތި (ހައިވަކަރުމަގު – ކުދިމާހިނގުން ޖަންކްޝަން)



