ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ދުނިޔޭގެ ހަ ޤައުމަކުން ސްކޮލާޝިޕްތަކެއް ހުޅުވާލައިފިކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ މިސްރު، އިންޑިއާ، ޕާކިސްތާނު، މޮރޮކޯ، ތައިލެންޑް އަދި އަޔަލެންޑުންނެވެ.
މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން 5 ފުރުސަތު އަދި ނެޗުރަލް ސައިންސް، މެތަމެޓިކްސް އެންޑް ސްޓެޓިސްޓިކްސްގެ ދާއިރާއިން 17 ފުރުސަތު ހުޅުވާލާފައިވާއިރު، މި ކޯސްތަކަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 6 ވަނަ ދުވަހެވެ. އިންޑިއާގެ މަރްވާޑީ ޔުނިވާސިޓީގެ "ސްކޮލާޝިޕް އިންޑިއާ 2026" ގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ފުރުސަތުތަކަށް އެދުމުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާނެއެވެ.
ޕާކިސްތާނުގެ އައްލާމާ މުހައްމަދު އިގުބާލް ޔުނިވާސިޓީން އިންޖިނިއަރިން، ބިޒްނަސް، ފުޑް ސެކިއުރިޓީ، ކޮމްޕިއުޓާ ސައިންސް، ސިއްހީ ދާއިރާ، މީޑިއާ އަދި އެގްރިކަލްޗާ ހިމެނޭހެން 7 ދާއިރާއަކުން ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދީފައިވާއިރު ސުންގަޑިއަކީ އަންނަ މަހުގެ 10 އެވެ. މީގެ އިތުރުން މޮރޮކޯއިން ވަނީ ބެޗްލާސް ޑިގްރީގެ 10 ފުރުސަތާއި، މާސްޓާސްގެ 5 ފުރުސަތު އަދި ޕީއެޗްޑީގެ 5 ފުރުސަތާއެކު ޖުމުލަ 20 ސްކޮލާޝިޕް ދީފައެވެ. އެ ޤައުމުގެ ފުރުސަތުތަކަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުށަހެޅޭނެއެވެ.
ތައިލެންޑުން މާސްޓާސް ފެންވަރަށް ކިޔެވުމަށް އަންނަ މަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާއިރު، އަޔަލެންޑުން މާސްޓާސްއަށް ކިޔެވުމަށް ދީފައިވާ ފުރުސަތުގެ މުއްދަތު ހަމަވަނީ މިއަދަށެވެ. މި ހުރިހާ ސްކޮލާޝިޕްތަކަށް ވެސް އެދި ހުށަހަޅަންޖެހޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.



