ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިއުލާނުކުރެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ބަޔަކީ ޒުވާނުންނާއި އަންހެނުން ކަމަށްވާއިރު، ޑިމޮކްރަސީއާއި ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ދައުލަތުގެ މިނިވަންކަން ދަމަހައްޓަން އެފަރާތްތަކުގެ ބައިވެރިވުން ކޮންމެހެން ބޭނުންވެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް އިންތިޚާބުކުރެވޭ ޒުވާނުންގެ މައްޗަށް އެކުލެވޭ "ޒުވާނުންގެ މަޖިލީހެއް" ނުވަތަ ޔޫތު ޕާލަމެންޓެއް ގާއިމުކުރުމުގެ މަސައްކަތް ޝާމިލު ގޮތެއްގައި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަނުން ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ކަނޑައެޅުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ކުރިއަށް އޮތް ތަނުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ޤައުމީ ފެންވަރުގައި މުހިންމު ނިންމުންތައް ނިންމުމުގެ މައިދާނުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ފުރުސަތު ކަށަވަރުކޮށްދިނުމެވެ.



