ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާ އެކު ކުރިއަށްގެންދަން ހަމަޖެހިފައިވާ އަސްކަރީ ހިނގާލުން، 2026 ޖުލައި 26 ވަނަ ދުވަހުގެ ރޭ، 20:30ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެއެވެ. މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި އަސްކަރީ ހިނގާލުމުގެ ލަޝްކަރު، މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗާއި، އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގެ އިތުރުން އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ.
ލަޝްކަރު ހުއްޓޭ މި ސަރަހައްދުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.



