މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ބޮޑު ސަރަހައްދެއް އާންމު ދަތުރުފަތުރަށް ހުޅުވާލުމާ ގުޅިގެން، ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ބޮޑުތަކުރުފާނުމަގުގެ ސެގްމެންޓް 2 އިން ފެށިގެން 5 އާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ނިމި، އިއްޔެ ހަވީރުން ފެށިގެން އެ ސަރަހައްދު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލައިފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ބޮޑުތަކުރުފާނުމަގުގައި ޕާކްކުރުމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކުކުރުމަކީ މަގުގެ ދަތުރުފަތުރަށް ބުރޫއަރައި، އާންމުންގެ ރައްކާތެރިކަމަށް ހުރަސް އެޅޭނެ ކަމެކެވެ. އެހެންކަމުން، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފާސްކޮށް، އެފަދަ އުޅަނދުތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތި ތަރުތީބުކޮށް ބޭއްވުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ މި ފުރުސަތުގައި ޝުކުރު އަދާކޮށްފައެވެ.



