ކ. ތުލުސްދޫގައި އިސްރަށެވެހިންގެ ހިޔާވަހި ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޞިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާޢީލް ޢަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން 100 މީހުންގެ ޖާގައިގެ ތިން ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެއެވެ. މި މަސައްކަތުގެ ތެރޭގައި ޞިއްޙީ ޚިދުމަތް ދޭ ތަނަކާއި، އިދާރީ އޮފީހަކާއި އަދި އެހެނިހެން ޒަރޫރީ ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް އިމާރާތްކުރުން ހިމެނެއެވެ. މީގެ އިތުރުން، ރިކްރިއޭޝަން ކަންކަމަށްވެސް ސަރަހައްދެއް ޚާއްޞަކުރެވިފައިވެއެވެ.
މިއީ 54.76 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.



