މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން އެމްއެމްއޭ އާ ހަމައަށް ހަތަރު ލޭނަށް މަގު ފުޅާކޮށް ވަނީ ތަރައްޤީކޮށްފައެވެ. ނަމަވެސް އެމްޓީސީސީން ވިދާޅުވީ އެ މަގުގައި އަދިވެސް ބައެއް ކުދި ކުދި މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދު ލާފައިވާ ކާބްސްޓޯން ސިޑިކައިރީގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ.
ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދުގައި ޕާކުކުރުން މަނާކޮށްފައިވާއިރު، އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި މަޝްރޫޢުގެ ދަށުން ވަނީ ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ހަދައިފައެވެ.
މިއަދު ހަވީރު މަގު ހުޅުވާލުމާއެކު ގިނަ ބަޔަކު ވަނީ މަގު ބޭނުންކުރަން ފަށައިފައެވެ. ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީ ކުރެވުނު ސަރަހައްދުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.



