ބޭރުގެ ފަސް ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތަށް ހުރިހާ ސަފީރުންވެސް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
މިއަދު ފަތްކޮޅު އެރުއްވި ސަފީރުންނާ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިގޮތުން ރިޕަބްލިކް އޮފް އޮސްޓްރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ޑޮކްޓަރ ރޮބަރޓް ޓްސީގްއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާއި، މަސްވެރިކަމުގެ އިތުރުން ޑިޕްލޮމެޓިކް ދާއިރާއިން ސްކޮލަރޝިޕްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރީ 1978 ގައެވެ.
މީގެ އިތުރުން ބުރުކީނާ ފާސޯގެ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ތަރައްޤީގެ ރޮނގުންނާއި، ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީ އަދި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ. ދެ ޤައުމުގެ ގުޅުމަށް މިހާރު ވަނީ 13 އަހަރު ވެފައެވެ.
އަދި ރިޕަބްލިކް އޮފް ގާނާގެ ހައިކޮމިޝަނަރު، ހިޒް އެކްސަލަންސީ ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯއާއެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ފުޅާކުރުމަށް ވަނީ ނިންމަވާފައެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1989 ގައެވެ.
މީގެ އިތުރުން ތުރުކުމަނިސްތާނުގެ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ޝަލާރް ގެލްޑެނަޒަރޮވްއާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވީ އިޤުތިޞާދީ ތަރައްޤީއާއި، އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށެވެ.
އަދި ލާއޮސްގެ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ވިތާޔާ ޒަޔާވޮންގްގެ ފަތްކޮޅު ޤަބޫލުކުރައްވައި، ދެ ޤައުމުން ގުޅިގެން ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. ރާއްޖެއާއި ލާއޮސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 2012 ގައެވެ.



