ނޭވާލާ ނިޒާމުގެ ބަލިތަކާއި ނިއުރޮލޮޖީގެ ދާއިރާއިން ޚާއްޞަވެވަޑައިގެންފައިވާ ދެ ދިވެހި ޑޮކްޓަރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގައި ފަރުވާ ދެއްވަން ފައްޓަވައިފިއެވެ. އައިޖީއެމްއެޗުން މައުލޫމާތު ދޭގޮތުގައި އެ ހޮސްޕިޓަލުގައި އަލަށް ފަރުވާ ދޭން ފައްޓަވާފައިވަނީ ޕުލްމޮނޮލޮޖީއިން ޚާއްޞަވެވަޑައިގެންފައިވާ ޑރ. ފަރާހަތު މޫސާއާއި، ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ދާއިރާއިން ޚާއްޞަވެވަޑައިގެންފައިވާ ޑރ. މައީޝާ ސޯލިހެވެ.
ޑރ. މައީޝާ ސޯލިހަކީ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ދާއިރާއިން ޚާއްޞަވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ. އެކަމަނާ ފަރުވާ ދެއްވާ މި ދާއިރާއަކީ ބޯ ކަފާލައިގެން ކުރާ ބޮޑެތި އޮޕަރޭޝަންތަކުގެ ބަދަލުގައި، ކުދި ހޮޅި ނުވަތަ ކެތީޓާ ބޭނުންކޮށްގެން ސިކުނޑިއާއި، މައިބަދަ އަދި ކަރުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ޒަމާނީ ފަރުވާއެކެވެ.
މީގެއިތުރުން، ޑރ. ފަރާހަތު މޫސާއަކީ ފުއްޕާމޭގެ ބަލިތަކަށް ނުވަތަ ޕުލްމޮނޮލޮޖީ ޚާއްޞަވި ރާއްޖޭގެ ފުރަތަމަ އަންހެން ޑޮކްޓަރެވެ. ޑރ. ފަރާހަތު މައިގަނޑު ގޮތެއްގައި ފަރުވާ ދެއްވާނީ ނިއުމޯނިޔާއާއި، ފުއްޕާމެއަށް ޖެހޭ އެކި ކަހަލަ އިންފެކްޝަންތަކާއި، ޓީބީ، ފުއްޕާމޭގެ ކެންސަރު، ނޭވާހިއްލުން އަދި ސްލީޕް އެޕްނިއާ ފަދަ ބަލިތަކަށެވެ. އަދި އެކަމާ ގުޅުންހުރި ތަފާތު ޓެސްޓުތަކާއި މެޑިކަލް ޕްރޮސީޖާތައްވެސް ކުރިއަށްގެންދަވާނެއެވެ.



