ކ. ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގި މައްސަލައެއްގައި ތުހުމަތުކުރެވޭ މިސްރުގެ ދެ ބިދޭސީއަކު ރާއްޖެއިން ފުރުވާލައި، އަނބުރާ ރާއްޖެ ނާދެވޭ ގޮތް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ހިންމަފުށީގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރުއެވެ.
މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ދެ ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން ސުވާލުކުރަންޖެހޭ އެންމެހައި ފަރާތްތަކާ ސުވާލުކޮށް، ބަލަންޖެހޭ ކަންކަން ވަނީ ފުރިހަމައަށް ބަލައިފައެވެ.
އަދި ތަޙުޤީޤުން ހޯދާފައިވާ ހޯދުންތަކަށް ރިއާޔަތްކުރުމަށްފަހު، މާރާމާރީގެ ތުހުމަތު ކުރެވޭ މި ދެ ބިދޭސީން ރާއްޖެއިން ފުރުވާލައި، މުސްތަޤުބަލުގައި އަނބުރާ ރާއްޖެ ނުވަދެވޭނެ ގޮތް ހެދުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނަށް މިހާރު ވަނީ ހުށަހަޅާފައި ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވިއެވެ.



