މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ވިއްކާ ވިޔަފާރިކުރާކަމަށް ތުުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރ. ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ އެ ރަށު ކަޝްމީރުގެ / މައިސަމް މުޞްޠަފާ (22އ) އާއި އުފާ / ޢަލީ ފިރްޞާދު އާދަމް (21އ) އާއި ހިރުނދުގެ / ޢަލީ ހަސްރާނު (21އ) އާއި ސަކްސަސް / މުޙައްމަދު ސުނޭޙް (19އ) އެވެ.
ފުލުހުން ބުނީ މި ހަތަރުމީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެރަށުގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި އެތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނުމާ ގުޅިގެން ކަމަށެވެ.
މި މައްސަލައިގައި މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މައިސަމް މުޞްޠަފާ އަށް 15 ދުވަސް އަދި ބާކީ ތިން މީހުން ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ދުވާފަރު ޕޮލިހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



