ޒުވާނުންގެ ތަރައްޤީއާއި ތަޢުލީމީ ދާއިރާއިން ރާއްޖެއާއި ކޮސޯވޯއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލަންސީ ލޫލްޒީމް ޕްލާނާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދެއްވަމުންގެންދަވާތީ އެކަމަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ތަރައްޤީއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން ދެޤައުމުގެ މަސްލަހަތު ހިއްސާކުރާ އެހެނިހެން ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، އެއް ޤައުމުން އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން، ދެމެހެއްޓެނިވި ޢަމަލީ ނަތީޖާތަކަކަށް ބަދަލުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ޢަޒުމް ދެބޭފުޅުން ވަނީ އައުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ކޮސޯވޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.



