ފެޑަރަލް ރިޕަބްލިކް އޮފް ސޯމާލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ، ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އޮޑަވާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތަށް ސަފީރު ރައީސް އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ސޯމާލިޔާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން، ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
އެއަށްފަހު، އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ސޯމާލިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 10 މާރިޗު 1988 ގައެވެ.



