ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ވަގުތީ މިސްކިތްތައް މިއަހަރުގެ ނިޔަލަށް އުވާލައި، އެ އަވަށުގައި އަލަށް ބިނާކުރާ ދާއިމީ މިސްކިތްތައް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، ހުޅުމާލޭގައި އަމިއްލަ ފަރާތްތަކާ ގުޅިގެން އިމާރާތްކުރަމުންދާ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ. އަދި މި މަސައްކަތްތައް އަވަސްކޮށް، ފުރިހަމަކަމާއެކު ނިންމާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި، ޖުމްލަ 16 މިސްކިތެއްގެ އިމާރާތްކުރުމުގެ މަސައްކަތާއި، ގުރުއާނާ ބެހޭ މަރުކަޒުގެ ދެ ގޮފީގެ މަސައްކަތް އަންނަ އަހަރުގެ ރޯދަމަހުގެ ކުރިން ނިންމާލެވޭނެއެވެ. މީގެއިތުރުން އިސްލާމީ ކަންތައްތަކަށް ދާއިމީގޮތެއްގައި އާމްދަނީ ހޯދައިދިނުމަށް ފަށާފައިވާ ވަގުފު މަޝްރޫއުތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އަންނަ އަހަރުގެ ފަހުކޮޅު ނިމިގެންދާނެއެވެ.



