އިންޑިއާގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން، އެ ޤައުމުގެ މަޝްހޫރު ރެޕް ފަންނާނު ބާދުޝާ ވިޒިޓް މޯލްޑިވްސްގެ ކަލްޗުރަލް އެމްބެސެޑަރެއްގެ ގޮތުގައި ރާއްޖެ އައިސް ހަތަރު ދުވަހުގެ ދަތުރެއް ނިންމާލައިފިއެވެ.
ވިޒިޓް މޯލްޑިވްސް އިން ހާމަކުރި ގޮތުގައި އިންޑިއަން އައިޑަލްގެ ޖަޖެއްގެ ގޮތުގައިވެސް ފެންނަ ބާދުޝާ މި ދަތުރުގައި މަޑުކުރީ ހއ. އަތޮޅުގައި ހިންގާ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައެވެ. އެ ރިސޯޓުގައި ހޭދަކުރި މުއްދަތުގައި ރާއްޖޭގެ މެހުމާންދާރީއާއި، ވޯޓާ އެޑްވެންޗާ ހަރަކާތްތަކުގެ އިތުރުން ލަގްޒަރީ ޔޮޓް ދަތުރުތަކާއި ދިވެހި ސަގާފީ ތަޖުރިބާތައް އޭނާ ވަނީ ހޯދާފައެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ހަމައެކަނި މުއްސަނދި ފަތުރުވެރިންނަށް ހާއްސަ ތަނެއް ނޫންކަމާއި، އާއިލީ ދަތުރުތަކާއި ރޮމޭންޓިކް ޗުއްޓީތަކުގެ އިތުރުން އެޑްވެންޗާ ބޭނުންވާ ފަރާތްތަކަށްވެސް އެންމެ ފުރިހަމަ މަންޒިލްކަން އިންޑިއާގެ ފަތުރުވެރިންނަށް ދައްކައިދިނުމެވެ. ދެކުނު އޭޝިއާގައި ބާދުޝާގެ ލަވަތަކަށް ބިލިއަނުން ސްޓްރީމްސް ލިބިފައިވާއިރު، މިއުޒިކާއި ފެޝަން އަދި ލައިފްސްޓައިލް ދާއިރާއިން އޭނާގެ ނުފޫޒު ބޮޑުވުމުން، ޒުވާން ޖީލުގެ ފަތުރުވެރިންނާ ހަމައަށް ރާއްޖެ އިޝްތިހާރުކުރުމަށް އޭނާއަކީ އެންމެ އެކަށީގެންވާ ބައިވެރިޔާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ފާހަގަކުރެއެވެ.
މި ދަތުރުގައި ބާދުޝާ އުފެއްދި އިންސްޓަގްރާމް ރީލްސްއާއި، ޕޯސްޓްތައް އަދި ޔޫޓިއުބް ވްލޮގްތައް ކުރިއަށް އޮތް ހަފުތާތަކުގައި އޭނާގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އާންމުކުރާނެއެވެ. ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަށް ނުހަނު މުހިންމު މާކެޓެއް ކަމަށެވެ.
ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ ފަތުރުވެރިން ބޭރު ޤައުމުތަކުގައި ކުރާ ހޭދަ މިދިޔަ އަހަރު 34.6 ބިލިއަން ޑޮލަރުގައި ހުރިއިރު، 2036 ވަނަ އަހަރާ ހަމައަށް އެ އަދަދު 71.8 ބިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް އަންދާޒާކުރެވެއެވެ. އިއްޔެގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 68,933 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ ހަ އިންސައްތައެވެ.



