މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީން ދިވެހި ދަރިވަރުންނަށް ބެޗްލަރސް ޑިގްރީ ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ޝަރީޢާ ސައިންސްގެ ދާއިރާއިން 5 ފުރުޞަތާއި، ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާތަކުން 17 ފުރުޞަތެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. މީގެ އިތުރުން 15 އޮގަސްޓް 2026 ގެ ނިޔަލަށް އުމުރުން 30 އަހަރުވެފައި ނުވުމާއި، ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައިވާ އިތުރު ޝަރުތުތައް ފުރިހަމަވާންޖެހެއެވެ.
އަދި ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް ކުރިން ލޯނެއް ނަގާފައިވާނަމަ، އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވާންޖެހޭނެއެވެ. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންޖެހޭއިރު، ދައުލަތުގެ ޚަރަދުގައި އެއް ފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރަކަށް ވެގެން ނުވާނެއެވެ.
މި ސްކޮލަރޝިޕަށް އެދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ 'ކުރި' ޕޯޓަލް މެދުވެރިކޮށެވެ. އަދި އެޕްލިކޭޝަންގެ ހާރޑް ކޮޕީ 12 އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް ހުށަހަޅަންވާނެއެވެ.
މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ޕޯޓަލްއިންނާއި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި މިނިސްޓްރީ އަށް އީމެއިލް ކުރުމުންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.



