ލޭގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދާ "ގޯލްޑް ސްޓޭންޑާޑް" ގެ ޓެސްޓުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، އޮރެންޖުހިޔާގައި ގާއިމްކޮށްފައިވާ ނޭޝަނަލް ތެލެސިމިޔާ ސެންޓަރުގައި މޯލްޑިވިއަން ބްލަޑް ސާވިސްގެ ދަށުން ޖުލައި 26 ގެ ކުރިން "ނެޓް ޓެސްޓިންގ" ގެ ޚިދުމަތް ފެށުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ ކުރިން ނަތީޖާ ހޯދުމަށް ގިނަ ދުވަސްތަކެއް ނެގި ނަމަވެސް، މި އާ ޓެސްޓިންގ ނިޒާމުގެ ސަބަބުން އެޗްއައިވީ، ހެޕަޓައިޓިސް އަދި ސިފިލިސް ފަދަ ބަލިތައް ދެނެގަތުމުގެ ނަތީޖާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބި، ބަލިމީހުންގެ ގަޔަށް އަޅާ ލެޔަކީ މުޅިން ރައްކާތެރި ލޭކަން ކަށަވަރުވެގެންދާނެއެވެ.
މީގެއިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން 28 އެނދުގެ އާ ވޯޑެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް 2-3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށޭނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ. މި އާ ޚިދުމަތްތަކާއެކު ހުޅުމާލޭ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މާލެ ސިޓީ ހޮސްޕިޓަލްސް ގްރޫޕުގެ އެހެން ހޮސްޕިޓަލްތަކަށް އޮންނަ ބާރުބޮޑުވުން ކުޑަވެގެންދާނެކަން ފާހަގަކުރައްވަމުން، ސީއީއޯ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ބަޖެޓުގެ އެހީތެރިކަމާއި އިރުޝާދަށް ޝުކުރު އަދާކުރައްވާފައެވެ.



