އުތުރާއި މެދުރާއްޖެއަށް މިއަދު އާންމު މިންގަނޑަށްވުރެ ހޫނުގަދަވި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިހުސާސްކުރެވޭ ހޫނުމިން މިއަދު އެންމެ މަތިވި ވަގުތު މާލެ ސަރަހައްދާއި ހދ. ހަނިމާދޫގައިވެސް ހޫނުމިން އުޅުނީ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. އެގޮތުން މާލެ ސަރަހައްދުގައި މެންދުރު ކުރީގެ ވަގުތުން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށް ހޫނުމިން 37 ޑިގްރީގައި ހިފެހެއްޓިފައި ހުރިއިރު، ހަނިމާދޫގެ ހޫނުމިން މެންދުރުފަހު ވަނީ 37.1 ޑިގްރީއަށް އުފުލިފައެވެ. މޫސުމީ މިންގަނޑުތަކަށް ބަލާއިރު އިހުސާސްކުރެވޭ ފިނިހޫނުމިން 37 ޑިގްރީއަށް ވުރެ މަތިވުމަކީ އާންމު ހާލަތަށްވުރެ ހޫނުގަދަވުމެވެ. އަދި 39 ޑިގްރީއަށްވުރެ މަތިވެއްޖެނަމަ ބެލެވޭނީ "ވަރަށް ހޫނުގަދަ" ހާލަތެއްގެ ގޮތުގައެވެ.
މިފަދައިން ހޫނުމިން މައްޗަށް ދާ ދުވަސްވަރު ސިއްހީ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ އިލްތިމާސްކޮށްފައެވެ. އިރުގެ ދޯދިތައް އެންމެ ބާރުވާ ވަގުތު، ހެނދުނު 10:00 އިން ހަވީރު 16:00 އާ ދެމެދު ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން އަވީގައި ގިނަވަގުތު އުޅޭ މީހުން ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.
މި ވަގުތުތަކުގައި ބޭރުގައި އުޅޭއިރު ގިނައިން ފެން ބުއިމާއި، ތުނި ފޭރާމެއް ބޭނުންކުރުމަކީ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެވެ. އަދި ކޮންމެހެން ދާންޖެހިގެން މެނުވީ އަވީގައި ނޫޅުމަށާއި، ހޫނުގެ ސަބަބުން އާދަޔާޚިލާފު އުނދަގުލެއް އިހުސާސްކުރެވޭނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އިދާރާތަކުން އިރުޝާދުދެއެވެ.



