ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ސްޓެލްކޯއާ ހަވާލުކުރެވިފައިވާތީ، އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން ހަމާކޮށްފިއެވެ.
ސްޓެލްކޯއިން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ފާހަގަކޮށްފައިވާ ގޮތުގައި، މި މަސައްކަތްތަކީ ދިގު މުއްދަތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
އަދި މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށްޓަކައި ކަސްޓަމަރުންގެ ކިބައިން އިންތިހާއަށް މާފަށް އެދޭކަމަށާއި، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.



