އައްޑޫސިޓީގެ ސަވާހިލި ރަށުގައި އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން ފެސިލިޓީއެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލުން އަލުން ބީލަމަށް ހުޅުވާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ސަވާހިލީގެ 79,753.74 އަކަމީޓަރުގެ ބިމާއި އެ ރަށާ ގުޅިފައިވާ ފަޅުގެ ސަރަހައްދު ގިނަވެގެން 50 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއުގެ ދަށުން ސަވާހިލީގައި ބީޗް އޭރިއާއެއް ހަދައި ބެލެހެއްޓުމާއި، އާންމުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމުގެ އިތުރުން ވޯޓާ ސްޕޯޓްސް، މެރިން ރިކްރިއޭޝަން އަދި ސްވިމިން ޕޫލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތަކާއެކު، އާންމު ފާހާނާއާއި ފެންވެރޭނެ އިންތިޒާމުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަންވެސް ތަރައްގީކުރެވޭނެއެވެ.
ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށްވެސް ކުރިމަތިލެވޭ މި ބީލަމުގެ ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބިޑް ޑޮކިއުމަންޓް ދިވެހި ކުންފުނިތަކަށް 15,000 ރުފިޔާއަށް އަދި ބޭރުގެ ފަރާތްތަކަށް 1,000 އެމެރިކާ ޑޮލަރަށް ވިއްކުމަށް ވަނީ ނިންމާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރަންޖެހެއެވެ.
މި މަޝްރޫއުގެ މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގައެވެ.
އައްޑޫ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ސަވާހިލި ތަރައްގީ ކުރަނީ އާންމު ގެސްޓްހައުސްތަކުން ނުލިބޭ ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. މިދިޔަ އަހަރުވެސް މި ރަށް ތަރައްގީކުރަން ބީލަމަށް ލީ ނަމަވެސް، އެފަހަރު އެ މަޝްރޫއު ބަޔަކާ ހަވާލުކުރެވިފައެއް ނުވެއެވެ.



