ފުލުހުންގެ ޓްރެފިކް އެންހޭންސްމަންޓް ޕްލޭން އިފްތިތާޙުކޮށްފިއެވެ.
މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާޙުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓްގެ އެކި ފަންކްޝަންތަކުގެ ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވި އެވެ.
ފުލުހުން ހާމަކުރި ގޮތުގައި އިއްޔެ ތަޢާރަފްކުރި މި ޕްލޭނަކީ މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
އިއްޔެގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުއްވިއެވެ. އެގޮތުން، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.
ކޮމިޝަނަރގެ މި އިލްތިމާސާ އެއްގޮތަށް، ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާ ފައެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެ ފަންކްޝަނުން ފާހަގަކުރެއްވިއެވެ.



