ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން" ގެ ބައިވެރިންނަށް ލިބޭ މަޤުބޫލުކަމާއެކު މުޖުތަމައުގައި ނަމޫނާ ބަޔަކަށްވުމަށް، ތަރިކަ އާއި ސަޤާފަތާއި ބެހޭ ވަޒީރު ހީނާ ވަލީދު އިލްތިމާސްކުރައްވައިފިއެވެ. މި މުބާރާތުގެ 7 ވަނަ ސީޒަނުގެ ވަނަތައް ހޮވައި އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ފުރިހަމަ އަޚްލާގާއި ފަރުވާތެރިކަމާއެކު ދާއިރާގައި ކުރިއަށްދިއުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ހުށަހެޅުންތެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ހީނާ ފާހަގަކުރެއްވި ގޮތުގައި، މި ދާއިރާއިން ރާއްޖޭގައި ލިބެންހުންނަ ރަސްމީ ތަމްރީނުތައް މަދެވެ. ނަމަވެސް މިފަދަ މުބާރާތެއްގެ ތެރެއިން އެންމެ ހުނަރުވެރި ފަރާތްތަކުގެ އެހީގައި ލިބުނު ތަމްރީނާއި ތަޖުރިބާގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަޒުމާއެކު ކުރިއަށްދިއުމަށް ބައިވެރިންނަށް ވަޒީރު ހިތްވަރުދެއްވިއެވެ.
މި ފަހަރުގެ ސީޒަން ކާމިޔާބުކޮށް އެއްވަނަ ހޯދާފައިވަނީ ހއ. އިހަވަންދޫ، ބުލްބުލާގެ މަރްޔަމް ޝަހާމާއެވެ. އޭނާއަށް މުބާރާތުގެ އެއްވަނަ އިނާމު ހަވާލުކޮށްދެއްވީ ވަޒީރު ހީނާ ވަލީދެވެ. އެއްވަނައަށް ހޮވުމާ ގުޅިގެން ޝަހާމާއަށް 50,000 ރުފިޔާގެ ފައިސާގެ އިނާމާއި، ފަރީ ޙައްޖު އުމްރާ ގުރޫޕުގެ ފަރާތުން ދޭ އުމްރާ ދަތުރެއްގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ނެރެ، ކުރިއަށްދާނެ މަގު ދެއްކުމަށް ބާއްވާ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯއެވެ.



