ސިހުރުވެރިޔާ ކޮންމެ ފަދަ ސިހުރެއް ހެދި ނަމަވެސް، މާތް الله މިންވަރު ކުރެއްވި ކަމެއް މެނުވީ އިންސާނާއަށް ނުޖެހޭނެކަން ކަށަވަރުކޮށް، އަގީދާ ވަރުގަދަކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"ސިހުރު ހާހޫރައިގެ ނުބައިކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނެފައިވަނީ، ސިހުރަކީ އޭގެ ހަގީގަތް ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަމެއް ނަމަވެސް، އެކަމުން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު އައްޑަނައަކީ الله އަށް ވަކީލުކުރުން ކަމަށެވެ.ސިހުރަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކާއި، ކުރާ ކިޔެވުންތަކާއި، ޖަހާ އަކަތަކާއި ގޮށްތަކެއްގެ އެހީގައި އިންސާނާގެ ހަށިގަނޑަށާއި ވިސްނުމަށް ނޭދެވޭ އަސަރު ފޯރުވާ ޝިރުކުގެ އަމަލެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރުވެރިއަކަށް ވެވެނީ ނަޖިސް ތަންތަނުގައި އުޅުމާއި، ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުން ފަދަ ބޮޑެތި މުންކަރާތްތަކަށް އަރައިގަނެ، ޝައިތާނާއަށް ކިޔަމަންވުމަށް އަހުދުކަށަވަރު ހިފައިގެންނެވެ. މީގެ އިތުރުން، ފެންނަ ހުވަފެނެއް، ގައިގައި އަޅާ ވޭނެއް ނުވަތަ ކައިވެނި ލަސްވުން ފަދަ ދިރިއުޅުމުގައި ދިމާވާ ކަންކަމަކީ ހަމައެކަނި ސިހުރުގެ ސަބަބުން ވާ ކަންކަން ކަމަށް ގަބޫލުކުރުމުގެ ބަދަލުގައި، ކޮންމެ ނިއުމަތަކާއި މުސީބާތެއްވެސް މެދުވެރިވަނީ މާތް الله ގެ މިންވަރުފުޅުންކަން ޔަގީންކޮށް، މުސްލިމުންގެ އަގީދާ ސާފުކޮށް ބެހެއްޓުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.



