ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާ ސަފީރުގެ މަޤާމަށް، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ދިޔާނާއަށް ރުހުންދޭން ނިންމާފައިވަނީ، އެކަމަނާއަކީ އެ މަޤާމަށް ޤާބިލު ބޭފުޅެއް ކަމަށް ކޮމިޓީން ކުރި ދިރާސާއިން ސާބިތުވުމާ ގުޅިގެންނެވެ. ދިޔާނާ އެ މަޤާމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މި ހިނގާ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ. ކޮމިޓީގެ މި ނިންމުމަށްފަހު، ދެން އޮންނާނީ މި ނަންފުޅަށް ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.
ދިޔާނާ ސައީދަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ފުންނާބުއުސް ޤާނޫނީ ވަކީލެކެވެ. އެކަމަނާ ވަނީ މީގެ ކުރިން ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަޤާމުގެ އިތުރުން، ސަރަހައްދީ ޖަމްއިއްޔާ، ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަތިވެރި މަޤާމުވެސް ފުރުއްވާފައެވެ.



