ހުޅުމާލޭގެ ކަރަންޓު ވިއުގަ ހަރުދަނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށްޓަކައި، މާދަމާ ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 އާއި 7:00 އާ ދެމެދުގައެވެ. މި މަސައްކަތުގެ ސަބަބުން ކަރަންޓުގެ އަސަރު ކޮށްފާނެ ކަމަށް ލަފާކުރެވެނީ ހުޅުމާލޭގެ އެއްވަނަ އަދި ދެވަނަ ނެއިބަހުޑްގެ ހިސާބުތަކަށެވެ.
ފާއިތުވި އަހަރުތަކުގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އޭގެ ތެރޭގައި މުޅި ސަރަހައްދުން އެއްކޮށް ކަރަންޓު ކެނޑިގެން ދިއުމާއި، ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ގިނަ ވަގުތުތަކަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވެއެވެ. ސްޓެލްކޯއިން ބުނަމުންދަނީ މާލެ ސަރަހައްދުގައި ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ވިއުގަ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.



