އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1,000 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ އެއްބަސްވުންތަކުގައި ދިވެހި ފަސް ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފިއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އިއުލާންކުރި ބިޑުތަކުން އެންމެ މަތިން މާކްސް ހޯދައިގެން މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަކީ އެސްޖޭ ކޮންސްޓްރަކްޝަން، ޖޭވީ ޕާޓްނާޝިޕް (ވަން ރިއަލިޓީ އަދި މެޑްޓެކް މޯލްޑިވްސް)، އަމިން ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)، އަދި ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް ހިމެނޭ ޖޭވީ ޕާޓްނާޝިޕެވެ.
ހުޅުމާލެ ފޭސް ތިނެއްގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކަށްވެސް ތަރައްގީ ކުރުމަށް ދީފައިވަނީ އެއް ޕްލޮޓެވެ. ޖުމްލަ 30 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް ގެދޮރު ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ހިންގާ ފުރަތަމަ މަޝްރޫއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. މިގޮތުން އިމާރާތްކުރެވޭ ދެ ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށްވާއިރު، ތިން ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ.



