ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ކ. ގިރިފުށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތުގައި، ތަމްރީނު ނިންމި ދަރިވަރުންނަށް ސިފައިންގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު ކަމަށާއި، އަދި ދަރިވަރުންނާ ބަޑި ހަވާލުކޮށްދެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.
މިއަހަރުގެ މާރިޗު 7 އިން ޖޫން 11 އަށް ކުރިއަށްދިޔަ މި ދެ ކޯހުގެ ތެރެއިން، 72 ވަނަ ބެޗުގެ ތަމްރީނުތައް ބާއްވާފައިވަނީ އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގައެވެ. އަދި 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ ކ. ގިރިފުށީގައެވެ. ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ މީހުންނަށް އަމާޒުކޮށްގެން ހިންގާ މި އަސާސީ ކޯހަކީ، ޤައުމިއްޔަތަށް ލޯބިކުރާ، އަޚްލާޤީ ގޮތުން ރަނގަޅު، އަމުރަށް ކިޔަމަންތެރި އަދި ހަށިހެޔޮ ސިފަވަންތަ ބަޔަކަށް ދަރިވަރުން ހެދުމާއެކު، އަސްކަރީ އަސާސީ ޢިލްމާއި ހުނަރުތައް އުނގަންނައިދިނުމަށް ހިންގާ ކޯހެއްކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތު ނިމުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ކ. ގިރިފުށީގެ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ރައީސް އޮފީހުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ އިސްތިރާޖީ ލަނޑުދަނޑިތަކުގެ ދަށުން، ސިފައިންނަށް ބޭނުންވާ ތަމްރީނު ވަޞީލަތްތައް ޤާއިމުކުރުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ހިމެނޭކަމަށް ރައީސް އޮފީހުން ހާމަކޮއްފައިވެއެވެ.



