މާލޭ ބާޒާރާއި އަތޮޅުތެރޭގެ ފިހާރަތަކުގައި ތަކެތީގެ އަގުތައް ހުރި ގޮތް އެއްތަނަކުން ފަސޭހަކަމާއެކު ބަލާލެވޭނެ ހެން އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރި "އަގުމަގު" އެޕްލިކޭޝަން ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މިއީ 2025 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އެ މިނިސްޓްރީން އެންމެ ފުރަތަމަ ތައާރަފުކުރި "އަގުމަގު ޕޯޓަލް" ގެ ފުޅާ އަޕްގްރޭޑެކެވެ. ކުރީގެ ޕޯޓަލުން ހަމައެކަނި މާލޭގެ ބާޒާރުގެ އަގުތައް ފެންނަން ހުރި ނަމަވެސް، އަލަށް ނެރުނު މި އެޕްލިކޭޝަން މެދުވެރިކޮށް މުޅި ރާއްޖޭގެ އެކި ހިސާބުތަކުގެ އަގުތައް އާންމުންނަށް ބަލާލެވޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އެޕްސްޓޯރުތަކުން ހިލޭ ޑައުންލޯޑުކުރެވޭ މި އެޕްލިކޭޝަނުގެ ސަބަބުން ކޮންމެ މީހަކަށްވެސް ގޭގައި ހުރެގެން ތަކެތީގެ އަގުތައް އަޅާކިޔައި، އެންމެ ހެޔޮ އަގުގައި މުދާ ވިއްކާ ފިހާރަތައް ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ބާޒާރުކުރުމަށް ފިހާރަތަކަށް ހިނގަންޖެހޭ ވަގުތު ސަލާމަތްވެ، އިގްތިސާދީ ގޮތުންނާއި ވަގުތުގެ ގޮތުން ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މި އެޕްލިކޭޝަނުގައިވާ މައުލޫމާތުތަކަކީ އަބަދުވެސް ތާޒާ އަދި ސައްހަ މައުލޫމާތުތަކަކަށް ހެދުމަށްޓަކައި، މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން ކޮންމެ ހަފުތާއަކު ބާޒާރުތަކަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް އަގުތައް އަދާހަމަކުރަމުން ގެންދާނެއެވެ.



