އައްޑޫ ހަންކެޑެ މަޝްރޫޢު ރާވައި، ހިންގުމާއި އެ މަޝްރޫޢުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ ޙަވާލުކުރުމަށްޓަކައި "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ އާ ކުންފުންޏެއް އުފައްދަވައިފިއެވެ.
ކުންފުނިތަކުގެ ޤާނޫނުގެ ދަށުން ރައީސް ނެރުއްވި ޚާއްޞަ ޤަރާރަކުން މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް ހަންކެޑެ ތަރައްޤީކުރުމެވެ. މީގެ އިތުރުން އައްޑޫގެ ފަތުރުވެރިކަން ފުޅާކޮށް، އޭގެ މަންފާ މުޅި އައްޑޫގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއި، އިޤްތިޞާދީ ލަނޑުދަނޑިތައް ރޭވުންތެރިކަމާއެކު ޙާޞިލުކުރުން ހިމެނެއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، މި މަޝްރޫޢު ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ޙަވާލުކުރި ނަމަވެސް، މަސައްކަތް ވަނީ ކުރިއަށްނުގޮސް ހުއްޓިފައެވެ. މި ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރީލް މަހު މި މަޝްރޫޢު އަލުން އިޢުލާން ކުރި ނަމަވެސް އަމަލީ މަސައްކަތް ފެށިފައި ނުވަނީ، ކުރީ ސަރުކާރުން ޙަވާލުކުރި ކުންފުންޏަށް ފައިސާ ހަމަނުޖެހިގެން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މަޝްރޫޢު އިތުރަށް ލަސްނުކުރުމަށްޓަކައި ކުރީގެ އެއްބަސްވުން ބާޠިލުކޮށް، އަލުން ހުޅުވާލި ފުރުޞަތުގައި ތުރުކީގެ ކުންފުންޏަކުން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. ކުރީގެ ސަރުކާރުން އާދައިގެ އިންޓެގްރޭޓަޑް ޓޫރިޒަމް މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމި ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ހަންކެޑެ "ހަލާލް ޓޫރިޒަމް" ކޮންސެޕްޓަށް ތަރައްޤީކުރުމެވެ.



