މިދިޔަ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ވަނީ 686.8 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. މިއީ މޭ މަހާ އަޅައި ބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހާ އަޅައި ބަލާއިރު 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 ޕަސެންޓުގެ ދަށްވުމެކެވެ. ހަމައެއާއެކު ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ 248.9 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހުގެ 203 މިލިއަން ޑޮލަރާ އަޅައި ބަލާއިރު މިއީ 23 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި އަހަރުގެ މޭ މަހާ އަޅައި ބަލާއިރު ޖޫން މަހު ޖުމްލަ ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭންކިން ނިޒާމަށާއި މުދާ އިމްޕޯޓުކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ޑިމާންޑް ބޮޑުވެ، ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ. މި ޑިމާންޑް ފުއްދުމަށްޓަކައި އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅައި ބަލާއިރު 43 ޕަސެންޓު އިތުރުވުމަކީ ރިޒާވަށް ބާރުބޮޑުވި މައިގަނޑު އެއް ސަބަބެވެ.
މި އަހަރުގެ މާޗް މަހު 1,331.8 މިލިއަން ޑޮލަރުގައި ހުރި ރިޒާވް މިހާރު 686.8 މިލިއަން ޑޮލަރަށް ވެއްޓުމުގެ އެންމެ ބޮޑު ސަބަބަކީ އޭޕްރީލް މަހުގެ ތެރޭގައި ދައުލަތުން ދައްކާފައިވާ ބޮޑެތި ދަރަނިތަކެވެ. އެގޮތުން ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިއަން ޑޮލަރުގެ ސުކޫކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން އަނބުރާ ދައްކާފައިވެއެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އެ މަހުގެ ތެރޭގައި ވަނީ އަނބުރާ ދައްކާ ހަލާސްކޮށްފައެވެ. މިފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަކީ ރިޒާވްގެ މިންވަރަށް ބޮޑު ބަދަލެއް އައި މައިގަނޑު ސަބަބެވެ.



