ދިވެހި ތަރިކައިގެ އިލްމު ކުރިއަރުވައި، މި ދާއިރާއިން ގާބިލު ތަރިކަވެރީންތަކެއް ބިނާކުރުމުގެ މަގުސަދުގައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން މިއަހަރުގެ "ސިގްނޭޗަ ރިސާޗް ސްކޮލަޝިޕް" ފުރުސަތުތައް މިއަދު އިއުލާންކޮށްފިއެވެ.
މިއީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާ ގުޅިގެން، އެ ޔުނިވާސިޓީގެ ރިސާޗް އެންޑް ޕަބްލިކޭޝަންސް މާސްޓާސް ސަނަދު ހާސިލްކުރެވޭ ގޮތަށް އެ މަރުކަޒުން ހުޅުވާލި ފުރުސަތުތަކެކެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހާމަކުރި ގޮތުގައި، މި ސްކޮލަޝިޕްގައި ދަރިވަރުން ދިރާސާކުރާނެ މައުޟޫޢުތައް ކަނޑައަޅާނީ އެ މަރުކަޒުންނެވެ. މި ފުރުސަތުގެ ދަށުން ދަރިވަރުންނަށް ތަރިކައިގެ ދާއިރާގެ އެކި ފަންނުތައް ފުންކޮށް ދަސްކުރުމުގެ ފުރުސަތާއި، އިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކުގެ ކޯސް ފީ ދެއްކުމުގެ އިތުރުން، ދިރާސާ މަސައްކަތް ކުރާނެ ހާއްސަ ތަނެއް ވެސް ޤައުމީ މަރުކަޒުން ހަމަޖައްސައިދޭނެ ކަމަށް އެ މަރުކަޒުން ބުންޏެވެ.
މި ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަށެއް ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. ސްކޮލަޝިޕަށް އެދި ހުށަހެޅުން އޮންލައިން ލިންކް https://forms.gle/GjAuJPwXjDmMCDLx6 މެދުވެރިކޮށެވެ. މި ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އޮންނާނެއެވެ.
މި ފަހަރު ދޫކުރަން ނިންމާފައިވަނީ ކިތައް ސްކޮލަޝިޕް ކަމެއް އެ މަރުކަޒުން ހާމައެއް ނުކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އުފެއްދެވި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން، އިސްލާމީ ޔުނިވާސިޓީއާ ގުޅިގެން މިދިޔަ އަހަރު ވެސް ވަނީ މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ 40 ސްކޮލަޝިޕް ފުރުސަތު ދަރިވަރުންނަށް ދީފައެވެ.



