ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ޑެޕިއުޓީ ކޮމިޝަނަރގެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މި މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ އަމީޒާގެ އިތުރުން އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ ގެ ނަމެވެ. މި ދެ ބޭފުޅުންގެ ނަން ދިރާސާކުރި މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެންމެ މަތީ މާކްސް ދީފައިވަނީ އަމީޒާއަށެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަމީޒާ އެ މަގާމަށް އައްޔަންކުރުމަށް ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ.
އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އަމީޒާ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ ނޮވެންބަރު 2024 ގައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.



