ލ. ހިތަދޫގެ ޖެންސެޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑުމަށްފަހު، އައު ޖެންސެޓެއް އިންސްޓޯލްކޮށް މުޅި ރަށަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދީފި ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ފެނަކައިން މައުލޫމާތު ދިން ގޮތުގައި، އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވީ އެ ރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުންދިޔަ ދެ ޖެންސެޓްގެ ތެރެއިން 600 ކިލޯވޯޓުގެ ޖެންސެޓަށް މައްސަލައެއް ދިމާވެ، ދެވަނަ ޖެންސެޓަށް މުޅި ރަށުގެ ހުރިހާ ލޯޑެއް ދިއުމުގެ ސަބަބުންނެވެ. ނަމަވެސް، މުޅި ރަށުން ކަރަންޓު ކެނޑުނުތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި، ބާކީ ހުރި އިންޖީނު ހިންގައިގެން ރަށުގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަރަންޓުގެ ހިދުމަތް ދޭން ފެށުނު ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މެދުކެނޑުމެއް ނެތި ކުރެވުނު މަސައްކަތުން، 600 ކިލޯވޯޓުގެ އައު ޖެންސެޓެއް އިންސްޓޯލްކޮށް، މިއަދުގެ މެންދުރު ކުރިން މުޅި ރަށަށް ކަރަންޓުގެ ހިދުމަތް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ. އެ ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، އަލަށް އިންސްޓޯލް ކުރެވުނު ޖެންސެޓަކީ ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކައިން އަލަށް ރާއްޖެ ގެނައި ޖެންސެޓްތަކުގެ ތެރެއިން އެ ރަށަށް ހާއްސަކޮށްގެން ގެންގޮސްފައިވާ ޖެންސެޓެކެވެ. މި އައު ޖެންސެޓާއެކު، ލ. ހިތަދޫގައި ކަރަންޓުގެ ހިދުމަތް ދިނުމަށް މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ.
މި މައްސަލައާ ގުޅިގެން ދާދިފަހުން މާވަށު ދާއިރާގެ މެމްބަރ އަހްމަދު ޝާކިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި، ހިތަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަންބޮޑުވުމެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މި މައްސަލަ ދިރާސާކުރުމަށްޓަކައި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް އޭނާ ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.



