މާލޭގައި އަލަތު ކައިވެނިކުރާ ޒުވާނުންނަށް ކައިވެނީގެ ވަލީމާ ނުވަތަ ހަފުލާ ބާއްވާނެ ޖާގަ ހިލޭ ހަމަޖައްސައިދިނުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ މުހިންމު މަޝްވަރާތަކެއް ކޮށް، ގޮތްތަކެއް ނިންމާފައެވެ. މި ހިދުމަތަކީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒީމްގެ ކެމްޕޭނު ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވަނީ، މި ކަމުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވައިލުމަށްފަހު، ވީހާވެސް އަވަހަކަށް އެ ފުރުސަތު އާންމުންނަށް ހުޅުވައިލުމަށެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، މިއީ ޒުވާނުންނަށް ވީހާވެސް އަވަހަކަށް ފަހިކޮށްދޭން ބޭނުންވާ ފުރުސަތެއް ކަމަށެވެ. އެ ވާހަކައަށް ތާއީދުކުރައްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވީ، ކައިވެނިކުރާ ޒުވާނުންނަށް މާލީ ގޮތުން ލުއިތަކެއް ހޯދައިދިނުމަށް ކައުންސިލުން ކުރާ މިފަދަ މަސައްކަތްތަކަށް މުޅި ކައުންސިލްގެ އެއްބާރުލުން އޮންނާނެ ކަމަށެވެ.
މި ނިންމުމަކީ ބަޖެޓާ ގުޅުންހުރި ކަމަކަށް ވާތީ، މޭޔަރު އާޒިމް ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ކައުންސިލްގެ ފައިނޭންޝަލް ބަޖެޓް ކޮމިޓީގެ އިތުރުން ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީއަށް ފޮނުއްވަން ނިންމަވާފައެވެ. މި ދެ ކޮމިޓީން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށްފަހު، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް މި މައްސަލަ ތާވަލުކުރާނެއެވެ. މި އިންތިޒާމު ހަމަޖެހުމުން މާލޭގައި އުޅޭ ޒުވާނުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ކައުންސިލުން ދެކެއެވެ.
މާލެ ސިޓީ ކައުންސިލުން އަލަތު ކައިވެނިތަކަށް ހިލޭ ޖާގަ ދޭން ނިންމިއިރު، މާލޭގައި އެންމެ ގިނައިން ކައިވެނީގެ ހަފުލާތައް ބާއްވާ ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދީގެން ކައުންސިލަށް މިހާރުވެސް ބޮޑު އާމްދަނީއެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.



