ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރީގެ ބޭނުމަށާއި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ޤައުމަކަށް ވާއިރު، އެޤައުމުން ދާދިފަހުން ވަނީ ދިވެހިންގެ ވިސާގެ އުސޫލުތަކަށް އެދެވޭ ލުއިތަކެއް ދީފައެވެ. މީގެކުރިން 2024 ވަނަ އަހަރު ތައިލޭންޑުން ތައާރަފްކުރި، ވިސާއާ ނުލައި 60 ދުވަހަށް މަޑުކުރެވޭ އުސޫލު އުވާލަން އެޤައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމީ އެ ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައި، ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގަމުންދާތީއެވެ. އޭގެ ތެރޭގައި ހުއްދައާ ނުލައި މަސައްކަތް ކުރުމާއި، އިންސާނީ ވަގު ވިޔަފާރި އަދި ކޯލް ސެންޓަރު ސްކޭމްތައް ފަދަ ޤައުމީ ސަލާމަތަށް ނުރައްކާވާ ބޮޑެތި ކުށްތައް ހިމެނެއެވެ. އެހެންކަމުން އެޤައުމުން މި ބަދަލު ގެނައީ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ހަމައެކަނި ފަތުރުވެރިންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި ކޮލިޓީ ފަތުރުވެރިކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ.
މި ބަދަލާއެކު މީގެ ކުރިން 93 ޤައުމަކަށް ދީފައި އޮތް 60 ދުވަހުގެ މުއްދަތު އުވާލައި، ރާއްޖެ ހިމެނޭގޮތަށް ބައެއް ޤައުމުތަކަށް ދޭ މުއްދަތު ކުރިން އޮތީ 15 ދުވަހަށް ކުޑަކޮށްފައެވެ. ނަމަވެސް، ތައިލޭންޑުގެ ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް، އަލަށް އެކުލަވައިލި އުސޫލުގެ ދަށުން ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް އެތެރެވޭ ގޮތް ހަދައި، ބޮޑު ލުޔެއް ދީފައެވެ. މި އާ އުސޫލުގެ ދަށުން ވިސާއާ ނުލައި 30 ދުވަހު މަޑުކުރެވޭނީ ޖުމްލަ 59 ޤައުމެއްގެ ރައްޔިތުންނަށެވެ. މީގެ ތެރޭގައި ވިސާގެ އިތުރު ލުއި އަލަށް ލިބުނު 6 ޤައުމެއް ހިމެނޭއިރު، އެއީ ރާއްޖޭގެ އިތުރުން ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާ އަދި މަލްޓާއެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ މެންބަރު 27 ޤައުމަކަށް ވެސް ހަމަހަމަ ވިސާގެ ލުއިތަކެއް ދޭން ވަނީ ނިންމާފައެވެ.
މި ނިންމުންތަކާއެކު، ވިސާއާ ނުލައި 15 ދުވަހުގެ މުއްދަތަކަށް މިހާރު ތައިލޭންޑުގައި ތިބެވޭނީ ހަމައެކަނި ސީޝެލްސްއާއި މޮރިޝަސްގެ ރައްޔިތުންނަށެވެ. އަދި އަޒަރުބައިޖާން، ބެލަރޫސް އަދި ސާބިއާގެ ރައްޔިތުންނަށް ދެން ދޫކުރާނީ އޮން-އެރައިވަލް ވިސާއެވެ. ތައިލޭންޑް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ވިސާގެ މި އާ އުސޫލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ އެޤައުމުގެ ސަރުކާރުގެ ގެޒެޓުގައި މި ބަދަލުތައް ޝާއިއުކުރާ ދުވަހުން ފެށިގެން 15 ދުވަސް ހަމަވުމުންނެވެ.



