މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށެވެ.
މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ. މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް މާލޭގެ އިތުރު 5 ތަނެއް 3 މަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ތަންތަނަކީ:
- ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް
މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް
މ. އަމީރާމަންޒިލް (ބައެއް): 1 ޖޫން 2026 އިން 1 ސެޕްޓެމްބަރު 2026 އަށް
މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެމްބަރު 2026 އަށް
ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ އެއް ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެމްބަރު 2026 އަށް
ފުލުހުން ބަޔާންކޮށްފައިވާ ގޮތުގައި، ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން، މިފަދަ ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



