މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ބަންދުކޮށްފައިވާ "އުއްމީދު" ގެއަށް ވަދެ، އެ އަމުރާ ޚިލާފުވި ދެ މީހަކު މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ. މަރަދޫފޭދޫ، ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ "އުއްމީދު" ގޭގެ ތެރޭގައި ތިއްބައެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި ޖުލައި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އެ ރަށު "އުއްމީދު" ގެ ބަންދުކޮށްފައިވަނީ 2024 ޖޫން 15 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.



