މި އަހަރުގެ އުރީދޫ މަސްރޭސް އަންނަ މަހުގެ ހަތްވަނަ ދުވަހު ކ. މާފުށީގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން މިއަދު ހުޅުވާލައިފިއެވެ.
މި މަހުގެ 21 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ރަޖިސްޓްރޭޝަން ހުޅުވާލާފައިވާއިރު، މަސްރޭހުގައި ބައިވެރިވުމަށް 12 މީހުންގެ ޓީމެއް އެކުލަވައިލުމަށްފަހު އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. ސަރުކާރުގެ މުއައްސަސާތަކާއި، ކޯޕަރޭޓްތަކުގެ އިތުރުން އާންމުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތް މި މުބާރާތުގައި މިފަހަރު ވާދަކުރެވޭނީ އެންމެ ގިނަވެގެން 20 ޓީމަށެވެ. އެގޮތުން 20 އަށްވުރެ ގިނަ ޓީމު ރަޖިސްޓްރީވާން ހުށަހަޅައިފިނަމަ، ޖާގަ ދޭނީ އެންމެ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ ޓީމުތަކަށެވެ.
މިއަހަރުގެ މަސްރޭހުގައި ވެސް މުޅިއަކު 43,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 25,000 ރުފިޔާ، ދެވަނަ ޓީމަށް 10,000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން މަސްވެރިޔާ، އެންމެ މޮޅު ފިރިހެން މަސްވެރިޔާ، އަދި އެންމެ ބަރު މަސް ބާނާ ފަރާތަށް ވެސް ކޮންމެ ފަރާތަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫން ހާމަކުރި ގޮތުގައި މަސްރޭހަކީ ހަމައެކަނި މުބާރާތެއްގެ ބަދަލުގައި، މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދޭ އަދި މުޖުތަމައުގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ހަރަކާތެކެވެ. މިއަހަރުގެ މަސްރޭހުގައި ރަޖިސްޓްރީވުމަށް އުރީދޫގެ ހާއްސަ ލިންކު http://ore.do/masrace2026 މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.



