މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މިހާތަނަށް ތާރު ނާޅާ އޮތް ސަރަހައްދުގައި މާދަމާ ތާރުއަޅައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ސަބް-ބޭސްގެ މަސައްކަތްތަކާއި އެގްރެގޭޓް ބޭސް ކޯސް (އޭބީސީ) ގެ މަސައްކަތްތައް މިހާރު ވަނީ ސަތޭކަ އިންސައްތަ ނިމިފައެވެ. މިއީ މަޝްރޫއަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށް، އެ ކުންފުނިން ބުނީ މާދަމާ ބާކީ ބައިގައި ތާރުއަޅައި ނިމުމާއެކު މުޅި މަޝްރޫއު ނިމުމަކާ ގާތްވާނެ ކަމަށެވެ.
މީގެ އިތުރުން، މަޝްރޫއުގެ ސެގްމެންޓް 4 އަދި 5 ގެ މަގުގެ ކުރެހުންތައް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޕާކިން ޒޯންތަކުގެ މަސައްކަތްތަކާއި ސެގްމެންޓް 2 އަދި 3 ގެ ޕޭވްމެންޓާއި ކޭބަލް ޓްރެންޗިންގެ މަސައްކަތްތަކެވެ.
ބާސެލޯ ނަސަންދުރާ އިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ ބޮޑު ސަރަހައްދެއްގައި މިހާރު ވެސް ވަނީ ތާރުއަޅާފައެވެ. ޒަމާނީ ފެންވަރަށް ހެދުމަށް ފަހު މި ސަރަހައްދު މި މަހުގެ 26 ވަނަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.



