އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތަކަކީ ދެފުށް ފެންނަ، އަދި އިންސާފުވެރި އުސޫލުތަކެއްގެ މަތިން ނިންމާ ނިންމުންތަކަކަށް ހެދުން މުހިންމު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިސްވެރިން އީސީގެ ރައީސާ އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮމިޝަނާމެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރު ދެމެހެއްޓުމަށް އެމްޑީޕީން ބާރުއެޅި ކަމަށެވެ. ވަކިން ހާއްސަކޮށް އިންތިޚާބުތަކާ ގުޅޭ ކަންކަމާއި، ސިޔާސީ ޕާޓީތަކާ މެދު ގޮތް ނިންމުމުގައި ހާމަކަން ބޮޑު ގޮތްތަކެއް ގެންގުޅުމުގެ މުހިންމުކަން ފާހަގަކޮށް، ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީއަށް ހުރި ކަންބޮޑުވުންތައް ކޮމިޝަނަށް ހިއްސާކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ އިތުރުން އީސީން މިއަދު ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީއާ ވެސް ބައްދަލުކޮށްފައެވެ. އީސީން ބުނި ގޮތުގައި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސިޔާސީ ޕާޓީތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ކޮމިޝަނާއި ޕާޓީތަކާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރުމެވެ. އަދި ޕާޓީތަކުން ހުށަހަޅާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ވަނީ ދީފައެވެ.



