އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ގައި ބައިވެރިވުމުގެ ފުރުޞަތު، ޖުލައި 30 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2026 ސެޕްޓެންބަރު 13 ވާ އާދީއްތަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. މި މަހާސިންތާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަހާސިންތާގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޒުވާން ޚަތީބުންގެ ޓްރޭނިންގ ނިންމައި ސެޓްފިކެޓް ޙާޞިލްކޮށްފައިވުމާއި، ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްފައިވާ ފަރާތަކަށްވުން އަދި މިހާރުވެސް އިމާމުކަމުކަން އަދި ޚަޠީބުކަން ކުރައްވާ 30 އަހަރު ނުފުރޭ ފަރާތަކަށްވުން ހިމެނެއެވެ.
މީގެ އިތުރުން ދިވެހި ޙާފިޡުންނަށްވެސް މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ މި ލިންކް މެދުވެރިކޮށެވެ.



