ރާއްޖޭގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހިންގާ ސައިބާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅިފައިވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފައެވެ. މިއަހަރުގެ ތެރޭގައި މިހާތަނަށް 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި ސައިބާ ކުށްތަކުގެ މައްސަލަތައް މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުމެވެ. ވަކިވަކި ކުށްތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ އޮންލައިން ޝޮޕިންގް ސްކޭމްތަކަށެވެ. އެގޮތުން މި ބާވަތުގެ މައްސަލަތައް 86 އިން 464 އަށް (439 އިންސައްތަ) ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 626 އިންސައްތަ އިތުރުވެފައިވާއިރު، ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ވަނީ 83 އިންސައްތަ އިތުރުވެފައެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ވަނީ ދަށަށް ގޮސްފައެވެ.
އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވަނީ 16 އިން 4 އަށް މަދުވެފައެވެ. މިއީ 75 އިންސައްތައިގެ ދަށްވުމެކެވެ. އަދި އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް 37 އިން 26 އަށް (29 އިންސައްތަ) ދަށަށް ގޮސްފައިވާއިރު، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ވަނީ 65 އިން 63 އަށް ދަށަށް ގޮސްފައެވެ.
ފުލުހުންގެ ޚިދުމަތުން ދަނީ ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން 182 މައްސަލައެއްގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ހެކްކޮށްފައިވާ 120 ސޯޝަލް މީޑިއާ އެކައުންޓެއް އަނބުރާ ހޯދައިދީފައިވެއެވެ.
ހަމައެއާއެކު، އާންމުން ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް 3,143 ފަރާތަކަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި އޮފީސްތަކުގެ މުވައްޒަފުން ހިމެނެއެވެ.
ފުލުހުން ބުނިގޮތުގައި ސައިބާ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އާންމު ފަރުދުންގެ ހޭލުންތެރިކަމެވެ. އޮންލައިންކޮށް މުއާމަލާތްކުރާއިރު ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަކީ ކުށްވެރިން ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަން ވެސް ފުލުހުން ފާހަގަކުރެއެވެ.



