މަތީ ސާނަވީ ނުވަތަ އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު 48 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަ އެޑިޔުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމަންޓް ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ. މަތީ އަރުތަވެރިންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނެވިއިރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބެނީ އެންމެ 34 އިންސައްތަ ކުދިންނަށް ކަމަށެވެ.
މިނިސްޓަރ އިސްމާއިލް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ތައުލީމީ ސިޔާސަތަށް ގެނައި ހަރުދަނާ ބަދަލުތަކާއެކު މިހާރު އެ އަދަދު 48 އިންސައްތައަށް ވަނީ މަތިކުރެވިފައެވެ. އަދި ވޮކޭޝަނަލް ހައި ސްކޫލުތަކުގެ ދަރިވަރުންނާއެކު، 2028 ވަނަ އަހަރާ ހަމައަށް ދާއިރު މަތީ ސާނަވީގައި ކިޔަވާ ކުދިންގެ ނިސްބަތް 65 އިންސައްތައަށް މަތިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ކުރިން 100 ކުދިންގެ ތެރެއިން އޭލެވެލްއަށް ދެވެނީ އެންމެ ތިންބައިކުޅަ އެއްބައި ކުދިންނަށް ނަމަވެސް، މިހާރު ލިބިފައިވާ ކުރިއެރުމަކީ ތައުލީމީ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ .
ރާއްޖޭގައި ވީހާވެސް ގިނަ ދަރިވަރުންނަށް އޭލެވެލް ކިޔެވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ގްރޭޑް 11 އަދި 12 އަށް ކުދިން ވައްދާ ކްރައިޓީރިއާ ދަށްކޮށް، އުސޫލުތައް އިސްލާހުކުރީ މިދިޔަ އަހަރުއެވެ. މިހާރު އޭލެވެލްއަށް ވަދެވޭނެ ތިން ގޮތެއް ކަނޑައަޅާފައިވެއެވެ. އެއީ އެކަޑަމިކް ސްޓްރީމާއި، ސްކޫލްތަކުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިޔުކޭޝަނާއި، މަސައްކަތުގެ މާހައުލުގައި ތަމްރީނު ހޯދާ އެޕްރެންޓިޝިޕް ޕްރޮގްރާމްތަކެވެ.



