ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ވެސް ހިއްސާކުރާކަން ހާމަކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ކުރީގެ އަމީރު ރާއްޖެއަށް ދެއްވާފައިވާ ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އެގޮތުން، ޤަޠަރު އެއަރވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުމުގެ އިތުރުން، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ފަދަ ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ މުހިންމު މަސައްކަތްތަކެއް ކުރީގެ އަމީރު ކުރައްވާފައިވެއެވެ.



