ހިމަބިހި ނުވަތަ މީސަލްސް ޖެހިގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ 24 އަހަރުގެ ދިވެހި ޒުވާނަކު މިއަދު ވަނީ ނިޔާވެފައެވެ.
މި ބަލީގައި ނިޔާވެފައިވަނީ ގދ. ފިޔޯރީ، ޑްރީމީލައިޓް، އިބްރާހީމް ދިޔާޝް ރަޝީދެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައި (އިމިއުން ކޮމްޕްރޮމައިޒްވެފައި) ވީ ފަރާތެކެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ދޭތެރެއަކުން މި ބަލީގެ ކޭސްތައް ފެންނަމުންދާތީ ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ 121 މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ .މި ހާދިސާއާ ގުޅިގެން ސިއްހީ ވުޒާރާއިން ނުވަތަ ކަމާބެހޭ އިދާރާއަކުން އަދި ރަސްމީ ބަހެއް ހާމައެއް ނުކުރެއެވެ.



