ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގެ އިންޓަވިއުތައް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބުރުގައި 160 ފަރާތަކުން ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާއިރު، މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ 140 ފަރާތުގެ އިންޓަވިއު އިއްޔެ ވަނީ ފަށައިފައެވެ.
ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ކުދިން ބައިވެރިވެފައިވާއިރު، މާލެއާއި އައްޑޫ ސިޓީ ފިޔަވާ އެހެން އަތޮޅުތަކުގައި ތިބި ކުދިންގެ އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ބައިވެރިވުމަށް ހއ. އިން 9، ހދ. 10، ށ. 11، ނ.15، ރ. 10، ބ. 4، ޅ. 7، ކ. (މާލެއާއެކު) 28، އއ. 5، އދ. 5، ވ. 1، މ. 8، ފ.1، ދ. 6، ތ. 10، ލ. 4، ގއ. 6، ގދ. 3، ޏ. 3، ސ. 14 ކުދިން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ހަތަރު ބުރު މިހާރު ނިމިފައިވާއިރު 621 ޒުވާން ޚަޠީބުން ވަނީ ތަމްރީން ކުރެވިފައެވެ. މި ޕްރޮގުރާމަކީ، ޒުވާން ޖީލަށް ފުރުސަތު ފަހިކޮށްދިނުމަށާއި، ޚަޠީބުން ނެތުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.



