އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ވ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުނުކުރެވި ލަސްވަނީ، ރަށުގެ ރައްޔިތުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން ކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ރަކީދޫގެ ބައެއް ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން އެދިފައިވާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަކީ އަދިވެސް ސަރުކާރުގެ ވިސްނުމެކެވެ. އަދި ބަދަލުވާ ފަރާތްތަކަށް ގޯތި ހަވާލުކުރުމަށްޓަކައި ސަރުކާރުން ސާވޭއެއް ކުރިއަށްގެންދިޔަ ނަމަވެސް، ރަށުގެ ބައެއް ރައްޔިތުން ބަދަލުވާން ބޭނުންނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރަށުގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބަސްވުމާއެކު ނޫނީ މީހުން ބަދަލުނުކުރުން ކަމަށްވުމުން، އެކަމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ރައްޔިތުން އެއްބަސްވުމަކަށް އައުމާއެކު އެ މަސައްކަތް އަމަލީގޮތުން ފަށްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ރަކީދުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ބައެއް ރައްޔިތުން ވަނީ ކ. ތުލުސްދުއަށް އެމީހުން ބަދަލުކޮށްދިނުމަށް ރައީސްގެ އަރިހުން އެދިފައެވެ. ނަމަވެސް މުޅި ރަށުގެ މެދުގައި މިކަމުގައި އަދި ގޮތެއް ނުނިމޭތީ، އާބާދީ ބަދަލުކުރުމުގެ އަމަލީ މަސައްކަތް އަދި އޮތީ ނުފެށިއެވެ.
ޖުމްލަ 376 މީހުންގެ އާބާދީއެއް ރަޖިސްޓްރީވެފައި އޮތް ރަކީދޫގައި މިވަގުތު ދިރިއުޅެމުން ދަނީ ބިދޭސީންނާވެސް އެކު 110 އެއްހާ މީހުންނެވެ. އަދި އޭގެ ތެރެއިން ހަމައެކަނި އެ ރަށުގެ އަސްލު ރައްޔިތުންގެ އަދަދު އުޅެނީ 70 ގައެވެ. އާބާދީ މަދު ރަށްރަށުގެ ތެރެއިން ރަކީދޫއަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ރަށެކެވެ.



