އިންފޮމޭޝަން ކޮމިޝަނަރގެ ގާނޫނީ ޒިންމާއަށް ހުރަސްއަޅާ ކަމަށް ކަނޑައަޅައި، ރައީސް އޮފީސް 2,000 ރުފިޔާއިން ޖޫރިމަނާ ކުރަން އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން މިއަދު ނިންމައިފިއެވެ. މި ގޮތަށް ނިންމެވީ ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަސް ހުށަހެޅުމަކަށް މައުލޫމާތު ދީފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަނަރ އަހުމަދު އާހިދު ރަޝީދު މިއަދު ބޭއްވެވި އާންމު އަޑުއެހުމެއްގައެވެ.
ކޮމިޝަނަރ އާހިދު ވިދާޅުވި ގޮތުގައި، ގާނޫނުގައި މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައާއި އޭގެ ފަހުން ކޮމިޝަނުން އެންގި އިތުރު މުއްދަތުގައިވެސް ރައީސް އޮފީހުން ޖަވާބުދާރީވެފައި ނުވުމަކީ ކޮމިޝަނަރގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމެވެ. އަދި ކޮމިޝަނުން ކަނޑައެޅި މުއްދަތުގައި ޖަވާބު ނުދީ 45 ދުވަހަށް ވުރެ ދިގުލައިގެން ހިނގައްޖެ ނަމަ، ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމުގެ އިންޒާރުވެސް މިއަދު ވަނީ ދެއްވާފައެވެ. އާންމު އުސޫލުން އަޑުއެހުން ބާއްވާތާ 5 ދުވަސް ތެރޭ މައުލޫމާތު ދޭން އެންގޭއިރު، އެ ނިންމުން އިސްތިއުނާފު ކުރަން އިދާރާތަކަށް 45 ދުވަސް ލިބެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީސް ޖޫރިމަނާކުރި ނަމަވެސް، ސަރުކާރުން ވަނީ ރަސްމީ އާރުޓީއައި ހުށަނާޅައިވެސް ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތުތައް ރައީސް އޮފީހާއި ހުރިހާ މިނިސްޓްރީތަކަކުން ފުރަތަމަ ފަހަރަށް މިދިޔަ މަހު އާންމުކޮށްފައެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ މި ގާނޫނަށް އަމަލުކުރަން ފެށި ފަހުން ސަރުކާރުގެ ހުރިހާ އިދާރާއަކުން މިފަދަ މައުލޫމާތު އެއްފަހަރާ ހާމަކުރި ފުރަތަމަ ފަހަރެވެ.



