ފުލުހުންގެ ހޯމިސައިޑް އެންޑް ޑެތް އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިއަކަށް ކުރިން ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އަލުން އެ މަގާމަށް އައްޔަންކޮށްފިއެވެ. ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އާރިފް މައުލޫމާތު ދެއްވި ގޮތުގައި، ސާމިހު ކުރިން ހުންނެވި މަގާމަށް އަލުން ހަމަޖެއްސެވީ އެ އިދާރާގެ އޮނިގަނޑަށް މި ފަހުން ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.
ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ސާމިހު އެ މަގާމުން ވަކިކުރީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި މުޒާހަރާތައް ކުރަމުންދަނިކޮށެވެ. އޭގެފަހުން މިދިޔަ އަހަރުގެ މޭ މަހު އޭނާ ބަދަލުކުރީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ދަށުން ހިންގާ އިންވެސްޓިގޭޝަން ކޮލިޓީ ކޮންޓްރޯލް އެންޑް ކޮމްޕްލިއަންސްގެ މަގާމަށެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްމާއިލް ނަވީން ކުއްލި ގޮތަކަށް ރިޓަޔާކުރެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާއަށް ގެނައި ބަދަލުތަކުގެ ތެރެއިން، އަހަރެއްހާ ދުވަހަށްފަހު ސާމިހު ވަނީ އަނެއްކާވެސް ކުރީގެ މަގާމަށް ބަދަލުކޮށްފައެވެ.



